ރ.ކިނޮޅަހު ބޭރުން އޮޔާދަނިކޮށް ފެނުނު ހަށިގަނޑަކީ ގެއްލުނު ރަޝިއާގެ ޓޫރިސްޓުގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
މި މަހު 4 ވަނަ ދުވަހު ކިނޮޅަހު ބޭރުން އޮޔާދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވާއިރު ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފަ އެވެ. އެހެންވުމުގެ ސަބަބުން ޖިންސު ވެސް ދެނެނުގަނެވޭކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
ނަމަވެސް ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަދި އެއީ މިދިޔަ މަހު އއ. އުކުޅަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ޓޫރިސްޓުގެ ހަށިގަނޑު ކަމަށް ބައެއް މީހުން ބުނަމުންދާ މި ދަނޑިވަޅުގައި ފުލުހުން ވަނީ އެއީ ރަޝިއާގެ ޓޫރިސްޓު ނޫން ކަން ކަށަވަރު ކޮށްދީފަ އެވެ.
އަދި ހަމަ އެހެންމެ ތަހުގީގަށް ބޭނުންވާ ފޮރެންސިކް ސާމްޕަލް ނެގުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.