ވޯޓާސް ލިސްޓަށް މިހާތަނަށް315 ޝަކުވާ ހުށައަޅާފައިވާ ކަމަށް އެލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ މި މަހުގެ ހަތް ވަނަ ދުވަހުގަ އެވެ. އަދި ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތުގައި އިއްޔެ ހަވީރު 6 ގެ ނިޔަލަށ 315 ޝަކުވާ ހުށައަޅާފައިވެ އެވެ.
އީސީގެ މެއިން ޕޯޓަލް މެދުވެރިކޮށް ލިބިފައިވާ މި ޝަކުވާ ތަކަކީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައް ކަމަށް އީސީން ވަނީ ބުނެފަ އެވެ.
މި ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ސުންގަނޑިއަކީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 3 ޖަހާއިރެވެ. އަދި މި މުއްދަތުގައި ހުރިހާ އެންމެން ވެސް އީސީން އާންމުކޮށްފައިވާ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ޗެކްކޮށް، މި ރަޖިސްޓަރީގައިވާ މައުލޫމާތުތައް ކަށަވަރުކުރުމަށްފަހު އެއްވެސް ޝަކުވާއެއްވާނަމަ، ހުށައަޅަންވާނެ ކަމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ބަދަލުކުރަން ހުށައަޅާ މައުލޫމާތަކީ ސައްހަ މައުލޫމާތެއްކަން އަންގައިދޭ ރަސްމީ ލިޔުމެއް ހުށައެޅުމަށް އީސީން ބުނެފައިވެއެވެ.
ރަޖިސްޓަރީގައިވާ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓްގެ އިތުރުން، (VR (space) ID number to 1414) އެސް.އެމް.އެސް ކޮށްގެން ބަލާލެވޭނެއެވެ.