ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން، ސައިޓް އޭގެ 71 ހެކްޓަރު ހިއްކައި ނިމިފައިވާކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން، ސައިޓް އޭގައި ހިއްކަން ހަމަޖެހިފައިވަނީ ޖުމްލަ 137.5 ހެކްޓަރު ބިމެވެ. މީގެތެރެއިން މިހާރު 71 ހެކްޓަރު ގެ ބިން ވަީ ހިއްކާފަ އެވެ. އެއީ މުޅި މަޝްރޫއުގެ ގާތްގަނޑަކަށް 51.64 އިންސައްތަ އެވެ.
އެމްއޭސީއެލުން މީގެ ކުރިން ބުނި ގޮތުގައި ސައިޓް އޭގެ މަސައްކަތްތައް ކުރިއަށް ގެންދަނީ، 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީއެއް އޮންނަ ދުނިޔޭގެ އެންމެ ބޮޑު ދެ ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖާސް ކަމަށްވާ ކްރިސްޓޮބަލް ކޮލޮން ބޭނުންކޮށްގެންނެވެ.
އެމްއޭސީއެލުން މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުއެވެ. ގެދޮރުވެރިކަމުގެ އިތުރުން އެ ސަރަހައްދު ބޭނުންކުރާނީ، ސިނާއީ ބޭނުންތަކަށާއި މެރީނާގެ ބޭނުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެެ. އެ ސަރަހައްދު ހިއްކާ ނިންމުމުގެ ކުރިން އެ ތަނުން 15،000 ގޯތި ލިބޭ މީހުން ކަނޑައަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.