މުވައްޒަފުންނަށް ގަވާއިދުން ފެންޝަން ފައިސާ ޖަމާނުކުރެވެނީ މާލެ ސިޓީ ކައުންސިލުން ވެމްކޯއަށް ދޭންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެފި އެވެ.
ވެމްކޯއިން ބުނި ގޮތުގައި އެކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދެމުންދަނީ އެކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ލިބޭ މާލީ އެހީންނެވެ.
އެކަމަކު، ބައެއް ފަރާތްތަކުން ވެމްކޯގެ ހިދުމަތްތައް ހޯދުމަށްފަހު ދޭންޖެހޭ ފައިސާ ނުދިނުމުން ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން އެކުންފުނިން ހޯދާފައިވާ ހިދުމަތްތަކަށް ދޭންޖެހޭ 98 މިލިއަން ރުފިޔާ ހިމެނޭކަމަށް ވެސް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ބުނީ އެ ފައިސާ އަދިވެސް ވެމްކޯއަށް ލިބިފައި ނުވާކަމަށާއި އެކަމުގެ ސަބަބުން، އެކުންފުނީގެ މުއައްޒަފުންގެ މުސާރައިން ޕެންޝަނުގެ ގޮތުގައި އުނިކުރެވޭ ފައިސާ ގަވައިދުން ޕެންޝަން ސްކީމަށް ޖަމާކުރުމަށް ދަތިވެފައިވާ ކަމަށެވެ. އެ ފައިސާ ހޯދުމަށްޓަކައި ވެމްކޯ އިން ވަނީ 2024 އަދި 2025 ވަނަ އަހަރުގައި އެކިފަހަރު މަތިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފަ އެވެ.
ވެމްކޯއިން ބުނީ، އެ ކުންފުނީގެ ހިދުމަތްތައް ފުރިހަމައަށް ދިނުމާއެކު، މުއައްޒަފުންގެ އިނާޔަތްތަކާއި މުސާރަ ހަމަޔައް ދިނުމަށްޓަކައި މިފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ. އަދި މިހާރުވެސް ފައިނޭސް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ޕެންޝަން ފައިސާ ޖަމާކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ޕެންޝަން އޮފީހާއެކު ވެސް މަޝްވަރާ ކުރަމުންދާ ކަމަށް ހާމަކޮށްފައިވެއެވެ.