އެސްޓީއޯގެ ހުރިހާ ފާމަސީއެއް ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ދަށަށް ބަދަލުކުރުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓޭޓް ޓްރޭޑިން އޮރްގޭނިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. .
އެސްޓީއޯއިން މިހާރު ހިންގަމުންދާ 196 ފާމަސީ ބޭސްކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ ތައްޔާރީތައް ވަމުންދާއިރު އެތަންތަނުގައި މަސައްކަތްކުރަމުންދާ 600 މުއައްޒަފުން ވެސް ބޭސް ކުންފުނީގެ ދަށަށް ބަދަލުވާނެ ކަމަށް އެސްޓިއޯއިން ވަނީ ބުނެފައެވެ.
“ހިރިޔާ”އާ ވާހަކަދައްކަވަމުން އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު ވިދާޅުވީ މާލެ ސަރަހައްދުގެ ފާމަސީތައް ބަދަލު ކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ފާމަސީތަކެއް އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބޭސްކުންފުނީގެ ދަށަށް ބަދަލު ކުރާނެ ކަމަށެވެ.
ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ސަރުކާރުން ވަނީ ކުންފުންޏެއް އުފައްދާފައެވެ. މި ކުންފުނި އުފައްދާފައި ވަނީ މިދިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.