ލޯކަލް ކައުންސިލް އިންތިހާބުގެ ނިންމުންތަކުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިލްތިމާސްކޮށްފި އެވެ.
މި ދުވަސްވަރަކީ 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުންނާއި ޕާޓީތަކުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން، އެފަރާތްތަކަށް ދާއިރާގެ ވޯޓުލާ މީހުންގެ ތާއީދު ހޯދުމުގެ މަސައްކަތް ފޯރިއާއެކު ކުރަމުންދާ ދުވަސްވަރެކެވެ. މި އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ އަމަލުތަކުން ދުރުހެލިވެތިބުމަށް އޭސީސީން ވަނީ އެދިފައެވެ.
އޭސީސީން ވަނީ މިފަދަ އިންތިހާބުތަކުގައި ރިޝްވަތުގެ މުއާމަލާތް ކުރާކަން ފާހަގަކޮށް، މިފަދަ އަމަލުތަކުގެ ސަބަބުން ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ ހިތުގައި އޮންނަ އިތުބާރު ގެއްލިދާނެކަމުގެ ބިރު ބޮޑުކަމަށް ބުނެފަ އެވެ. އެހެންކަމުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ރިޝްވަތު ފަދަ ބޭއަދަބީ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމައަށް ބޮޑެތި ގެއްލުންތައް ލިބިގެންދާނެ ކަމަށް އޭސީސީން ފާހަގަކޮށްފައިވެ އެވެ.
ހަމަމިއާއެކު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ހަގީގީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗައްކަމަށާއި، މިފަދަ އިންތިހާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްގީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ހަވާލުކުރާނެ ހަރުދަނާ ގާބިލު ބަޔަކު ކަނޑައެޅުން ކަން އޭސީސީން ބުނެފައިވެ އެވެ.