ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ބޭނުންކުރަން ފަށާފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރުތައް ހަދާފައި ވަނީ ޓާމިނަލްގެ ގޭޓް 4ގެ އެތެރެއިން ގާތްގަނޑަކަށް 600 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އަދި ރާއްޖޭގެ ރީތިކަން ފެނިގެންދާ ގޮތަށް ޑިޒައިންކޮށްފައިވާ އެތަނުގައި ރާއްޖޭގެ ސީޕްލޭންގެ ހިދުމަތް ދޭ ހަތަރު އޮޕަރޭޓަރުންނަށް ޖުމުލަ 24 ކައުންޓަރު ހަދާފައިވެ އެވެ.
އެމްއޭސީއެލުން ބުނިގޮތުގައި ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ސަރަހައްދަކީ ޓާމިނަލް 2ގެ ސީޕްލޭން ޗެކް-އިން ސަރަހައްދާ ހިލާފަށް މުޅިތަން އެއާ ކޮންޑިޝަން ކޮށްފައިވާ ޖާގައިގެ ގޮތުން ތަނަވަސް, އަދި ފަސިންޖަރުންނަށް އިށީންދެލައިގެން ތިބެވޭ ގޮތަށް ހަދާފައިވާ ސަރަހައްދެއްކެވެ. އޭގެ އިތުރުން ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ސަރަހައްދަށް ވެހިކަލް ކައިރި ކުރުމަށް އިތުރު ސްލޮޓްތަކެއް ކަނޑައަޅާފައިވާކަމަށް ވެސް އެމްއޭސީއެލުން ފާހަގަކޮށްފައިވެއެވެ.
ޓާމިނަލް 1ގެ ސީޕްލޭން ޗެކް-އިން ކައުންޓަރު ބޭރުގައި 9 ފަސިންޖާ ބަސް ސްލޮޓް, ލަގޭޖް ވެހިކަލްތަކަށް 10 ސްލޮޓް އަދި ސްޓޭންޑްބައި ވެހިކަލްތަކަށް 11 ސްލޮޓް ވަނީ ކަނޑައަޅައިފައި ވާނެ ކަމަށް އެމްއޭސީއެލުން ހާމަކޮށްފައިވެއެވެ. ޓާމިނަލް 1 އިން މިހާރު ދަނީ 39 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ.