ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފެށިތާ ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުއަށް އެމްއޭސީއެލް އިން ގެނެސްފައިވަނީ “ލީވް އެރިކްސަން” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ.
އެއްފަހަރާ 46,000 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ މި ޑްރެޖަރަކީ މި ވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ހައި-ޓެކް އަދި އެންމެ ބާރުގަދަ ދެ ޑްރެޖަރުގެ ތެރެއިން އެއް ޑްރެޖަރެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުޅުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ ޖެނުއަރީ ފަސް ވަނަ ދުވަހެވެ.
އެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާއިރު، އެ މަސައްކަތުގެ އަދާހަމަ ހިއްސާ ކުރަމުން އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ %18.75 ކަމަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން އެމްއޭސީއެލް އިން ހިއްކުމަށް ހަމަޖެހިފައިވަނީ 111 ހެކްޓަރެވެ.