ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޝަމާހު ރަޝީދު މިއަދު ވަކިކޮށްފިއެވެ.
އެކަން ހާމަކޮށްފައިވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައެވެ.
ޕީސީބީން ބުނެފައިވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަގާމުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ވަކިކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
ޝަމާހް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރީ މިދިޔަ ސެޕްޓެމްބަރު 7 ގައެވެ. އެއީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި ހުސެއިން ފަހުމީ ވަކި ކުރުމަށް ފަހުގައެވެ. ފަހުމީ މިހާރު ހުންނަވަނީ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައެވެ.
ޝަމާހު އަކީ މިފްކޯގެ ސީއީއޯގެ މަގާމުން 2024 ގައި ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރިއެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ.