ރަށްތައް ތަރައްގީ ކުރަންވާނީ އެ ރަށެއްގެ ސިފަތައް ނުގެއްލޭގޮތަށް ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯގަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ހިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ރޭގައި ބޭއްވި ”މަގޭ ދަރަވަންދޫ އެވޯޑު 2025” ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވަނީ ކޮންމެ ރަށަކީ ވަކި ހާއްސަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށާއި، އެގޮތުން ދަރަވަންދޫ ރައްޔިތުންނަކީ މެހުމާންދާރީ އަދާކުރުމުގައި ނަމޫނާ ބައެއް ކަމުގައި ވިދާޅުވެފައެވެ. އަދި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތައް ތަރައްގީ ކުރެވިގެންދާއިރު އެ ރަށެއްގައި ހުންނަ ހާއްސަ ސިފަތައް ހިފެހެއްޓޭނޭ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުވާލައްވާފައިވެއެވެ.
”ރަށްތައް ތަރައްގީ ކުރަމުންދާއިރު އެ ރަށެއްގައި ހުންނަ ހާއްސަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް ހިންގުން މުހިއްމު” މިނިސްޓަރު ވިދާޅުވިއެވެ.
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމު މުހިއްމު ކަމަށާއި، އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.