އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ޤާނޫނަށް ގެނައި އިސްލާޙު ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، މިމަހުގެ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޚާއްޞަ ޖަލްސާ 1 ގައެވެ.
މި ބިލުގެ މަޤްޞަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، ޢުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުޞަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި ޢަމަލު ކުރެވޭނެ އުސޫލުތައް ބަޔާން ކުރުމެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން، ފަނޑިޔާރުން، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ޢައްޔަން ކުރެވޭ މަޤާމުތައް އަދާކުރާ ފަރާތްތައް ނުހިމެނޭ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، ޢުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ.
މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ޙައްޤުވާ ޢުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށްވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެ އެވެ.
މި ބިލަށް ޢަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.