ގައުމީ ތަރައްގީއަށްޓަކައި ޕީއެންސީގެ ކެޑިޑޭޓުންނަށް ތާއީދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ މިރޭ ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އަލިއަޅުވާލައި ވާހަކަފުޅުދައްކަވަމުން، ލޯކަލް އަދި ސިޓީއެއްގެ ލެވެލްގައި ދޭންޖެހޭ އެއްބާރުލުން ހިތާ ރޫހުން ދެއްވާނީ ޕީއެންސީގެ މެންބަރުން ކަމަށް ރައީސް ޔަގީންކަން ދެއްވާފައިވެއެވެ.
މި އިންތިހާބަކީ ޕީއެންސީގެ ވަރަށް ގިނަ މެންބަރުން ކުރިމަތިލާ އިންތިހާބެއްކަމަށާއި، މި އިންތިހާބަށް ޕީއެންސީގެ މެންބަރުން ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުންއަންނަކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
“އަޅުގަނޑު ރައްޔިތުންނަށްވި ހުރިހާ ވައުދެއް ފުއްދުމުގަ، ލޯކަލް ލެވެލްގަ، ރަށު ފެންވަރުގަ ސިޓީ ފެންވަރުގަ، ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވާދެެއްވާށޭ. އެކަން ކޮށްދެއްވާނެކަމަށް، އަޅުގަނޑަށް އެންމެ ފުރިހަމަ އެއްބާރުލުން އޮތީ އަޅުގަނޑުގެ ޕާޓީން ކުރިމަތިލާ ބޭފުޅުން ކަމަށްވާތީ، ދިވެހި ހުރިހާ ލޮބުވެރި ރައްޔިތުންނަށް އެބޭފުޅުން ހޮވުމަށް އިލްތިމާސްކުރަން.” ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވެވަޑައިގެންނެވި އެންމެހާ ވައުދުފުޅުތައް ފުއްދުމުގައި މިހާރު އެކި ކަންކޮޅުތަކުގަ، އެކި ދާއިރާތަކުން ބާރު ސްޕީޑްގައި ކުރެވެމުންދާ ކަންތައްތަކާއި ފެށިގެންދާ ކަންތައްތަކާއި އަދި މިއަހަރުގައި ބަޖެޓްގައި ތަރުތީބު ކުރެވިފައިވާ ކަންތައްތައް ކުރުމުގަ، ލޯކަލް ލެވެލްގަ، އެރަށެއްގެ ލެވެލްގަ އަދި އެދާއިރާއެއްގަ، ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ޕީއެންސީގެ ކެޑިޑޭޓުން ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ފާއިތުވެ ދިޔަ ދެ އަހަރުތެރޭގައި ރައީސް ކުރައްވާފައިވާ ވައުދުފުޅުތައް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވި، ވަރަށް ގިނަ ވައުދުތަކެއް ފުއްދި، އަދި ފުއްދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންފެށިފައެވެ. މިއިން ކޮންމެ ކަމަކީ ވެސް އެކަމަށްޓަކައި ރައްޔިތުންގެ ފަރާތުން އެ ހޮވާ މަންދޫބުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންތައްތަކެއް ކަމަށް ރައީސް ވިދާލުވެފައި ވެއެވެ. އެހެންވީމާ، ޕީއެންސީ މެންބަރުން ހޮވުމަށް ރައީސް ވަނީ އެންމެހާ ރައްޔިތުންނަށް ގޮވާލާފައެވެ.