މާލީ އެހީއަށް އެދުނު ޝަރުތު ހަމަވާ 39 މީޑިއާއަކަށް 28 މިލިއަން ރުފިޔާ ދޭން މޯލްޑިވްސް މީޑިއާ އެންޑް ބޮރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ބަޖެޓުން އިންސައްތައެއް އެކަށައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅުގެ ދަށުން އެހީއަށް އެދުމުގެ ފުރުސަތު އަމިއްލަ މީޑިއާތަކަށް ހުޅުވާލީ މިދިޔަ އޮކްޓޯބަރުގަ އެވެ.
އަމިއްލަ މީޑިއާތަކަށް ސަރުކާރުން ދޫކުރާ މާލީ އެހީތެރިކަމަށް އެދުނު 41 މީޑިއާގެ ތެރެއިން އިޖުރާއަތު ފުރިހަމަކުރީ 39 މީޑިއާއެކެވެ. އެހެންވެ އެ މީޑިއާތަކާއި އެ ތަންތަނަށް ލިބޭ އެހީގެ އަދަދު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބޮރޯޑްކާސްޓިން ކޮމިޝަނުން ވަނީ ޕޯޓަލްގައި އާންމުކޮށްފައެވެ.
ބައެއް މީޑިއާތަކަށް ލިބޭ އަދަދު:
- ސަންގު އޮންލައިން: 1.1 މިލިއަން ރުފިޔާ
- ސަން އޮންލައިން: 1.1 މިލިއަން ރުފިޔާ
- ވީނިއުސް: 997,915ރ.
- އައިސް ޓީވީ: 908,358ރ.
- ދިވެހި ޗެނަލް: 876,374ރ.
- މިހާރު އޮންލައިން: 793,214ރ.
- ވަގުތު އޮންލައިން: 754,833ރ.
މާލީ އެހީއަށް އެދުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުކުރާ ދެ މީޑިއާއަށް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޔޫތު މިނިސްޓްރީއާ ވާހަކަ ދައްކާފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދިމީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި މީޑިއާ ކޮމިޝަނާ ދެމެދުގައި އެއްބަސްވެފައިވާ ގޮތަށް، އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ކޮމިޝަނުން ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ފޮނުވުމުން ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި އެހީއަކީ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދިނުމަށް ކަނޑައެޅިފައިވާ އެހީއެކެވެ. އެހެންކަމުން މި އަހަރު ނިމުމުގެ ކުރިން މީޑިއާތަކަށް މި ފައިސާ ލިބުމަކީ މީޑިއާ ކޮމިޝަނުގެ މަގުސަދުކަމަށް، މީޑިއާ ކޮމިޝަނުން ވަނީ ބުނެފައެވެ.