ހދ. ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫ ކައުންސިލަށް ވޯޓްލާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމަވާފައި ވަނީ 2026 އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ގެ ތާރީހަކީ ހިރިމަރަދޫގެ ރަށްވެހިން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާނެ ދުވަސްވަރަށް ވާތީ އެވެ،
އެހެންވެ ހިރިމަރަދޫ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ އެވެ.
ހިިރިމަރަދޫއަކީ މީހުން ދިރިއުޅޭ ރަށެއް ނޫންކަމަށް ނިންމައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ ވަނީ އުނިކޮށްފައެވެ. އެކަމަކު މި އިސްލާހަށް އަމަލުކުރަން ފަށާނީ ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫގައި އާބާދުކޮށް ރަޖިސްޓަރީކޮށް ނިމުމާއެކު، އެކަން ސަރުކާރުން އާންމުކޮށް އިއުލާނުކުރާ ތާރީހުން ފެށިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ވަނީ، ހދ. އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި ހިރިމަރަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫއިން ގެއެއް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައި އެވެ. އަދި ހިރިމަރަދޫން ގޯތި ލިބިފައިވާ ފަރާތްތަކަށް ހަނިމާދޫ އިން ވެސް ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވެ އެވެ.