ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމް އެވޯޑްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ރާއްޖޭގެ ކާމިޔާބު ޑައިރެކްޓަރ ހުސެން މުނައްވަރު ހޮވިއްޖެއެވެ.
އިންޑިއާގެ ކަރްނާޓަކާ ސްޓޭޓްގެ ދަރްވާދް ހުއްބަލީގައި މި މަހުގެ 27-28 އަށް ބޭއްވި މި ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް މުނައްވަރު ހޮވިފައިވަނީ 2024 ވަނަ އަހަރު ނެރުނު ފިލްމް ” ކަމަނަ ” އިންނެވެ.
އެ ފިލްމުގެ ބަތަލާ މަރިޔަމް އައްޒައަށް އެންމެ މޮޅު ލީޑް އެކްޓްރެސް ލިބިފައިވާއިރު އެންމެ މޮޅު ލީޑު އެކްޓަރގެ އެވޯޑް ލިބިފައިވަނީ އެ ފިލްމުގެ ލީޑް އެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) އަށެވެ.
މީގެ އިތުރުން ރާއްޖޭގެ ފިލްމެއްކަމަށްވާ ނޮވެމްބަރގެ ސިނެމެޓޮގްރަފަރއަށްވަނީ ބެސްޓް ސިނެމެޓޮގްރަފަރ އެވޯޑް ލިބިފައެވެ. އަދި ފިލްމް ސާޔާ ވެސް ވަނީ މި ފިލްމް އެވޯޑަށް ނޮމިނޭޓް ވެފައެވެ.
ކާމިޔާބީއާ ގުޅިގެން ހުސެން މުނައްވަރު ބުނީ “ފިލްމު “ކަމަނާ” ޑައިރެކްޓް ކުރުމުގެ ޒިންމާ ހުސައިނާ ހަވާލުކުރީ، ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި، އޭގެ ފޮނި ނަތީޖާ ނެރެވިއްޖެ ކަމަށް ގަބޫލު ކުރަން” ކަމަށެވެ. މީގެއިތުރުން ފިލްމުގެ ވާހަކަ އަދި ސްކްރިޕްޓް އެކުލަވާލި މަހްދީ އަހްމަދާއި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދިން ޓީމުގެ އިތުރުން ފިލްމުގެ ޓެކްނިކަލް ޓީމު ވެސް އޭނާގެ ޝުކުރުގެ ލިސްޓުގައި ވަނީ ހިމަނާފައެވެ
ހުސެން މުނައްވަރު ބުނީ އެ ފިލްމަކީ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ތަހައްމަލު ކުރަމުންދިޔަ ވޭނާއި އާދޭހުގެ އަޑު މުޖުތަމަޢަށް އިއްވާލަދިނުމަށް އުފެއްދި ފިލްމެއް ކަމަށާއި އެ އަޑު ދިވެހިރާއްޖޭގެ އިތުރުން ބޭރު ގައުމެއްގެ އޯޑިއަންސަށް ވެސް އިއްވާލެވުމުން ހިތްހަމަޖެހުން ލިބިއްޖެކަމަށެވެ.
“ކަމަނާ” ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ)އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު އެވެ. ފިލްމު ” ކަމަނަ” އަކީ 200 އަށްވުރެ ގިނަ ހައުސްފުލް ޝޯއާއެކު ރާއްޖޭގައި ބޮޑު ތަރުހީބެއް ލިބުނު ފިލްމެކެވެ.
އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހުރިހާ ޖޯންރާއެއްގެ ފިލްމު ވެސް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިކުރާ ޑޮކިއުމެންޓްރީތައް ވެސް ހިމެނެއެވެ.