ސޯޝަލް ހައުސިން ޔުނިޓަތަކުގެ ކުލި ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ފްލެޓް ލިބޭ މީހާގެ ދިރިއުޅޭ ހާލަތަށް ބަލާފައި ކަމަށް ހައުސިން މިނިސްޓާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި ރާއްޖޭގައި މިހާރު ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި ކަނޑައަޅަނީ “ބްލެންކެޓުކޮށް” ނުވަތަ އެންމެންނަށް އެއް އުސޫލަކުން އެއް އަގެއްގައި ކަމަށެވެ. އެހެންކަމުން، މިއީ ކުލި ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
އެ ފަރާތްތަކަށް ޓާގެޓުކޮށްފައި، ސަބްސިޑައިޒްކުރަން ތަންކޮޅެއް ދަތި ކަމަކަށް ވާތީ ބްލެންކެޓުކޮށް މި ކޮށްލެވެނީ. އޭގެ ތެރޭގައި ތިބޭނެ އެންމެ ފެއާކޮށް، ބޭނުންނުވާ ފަރާތްތަކަށް ވެސް ދެވިފައި. އެކަމަކު އެއީ މިވަގުތު އެކަން ކުރެވެން އޮތް އެންމެ ރަނގަޅު، ފަސޭހަގޮތް. އެ ކަހަލަ މެކޭނިޒަމެއް އައުމަށް ފަހުގައި، ޓާގެޓުކޮށްގެން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ވެސް ގަބޫލުކުރަން.
މުއްތަލިބް އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރު އައި އިރު ހިޔާ ފްލެޓްތަކުން ވަރަށް ބޮޑު އަދަދެއްގެ ކުލި ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެންމެންނަށް ފަސޭހަ ވާނެ ފަދައިން ޖޫރިމަނާ މައާފްކޮށްފައިވަނީ ކުރިއަށް އޮތް ތަނުގައި އެކަން ލުއިކޮށް، ދައުލަތަށް ވެސް ލިބެން ޖެހޭ ފައިސާ ހޯދުމުގެ ނިޔަތުގައި ކަމަށް ވިދާޅުވި އެވެ.
ކުލި ނުދެއްކީމަ ހަގީގަތުގައި ދައުލަތަށް އާމްދަނީ ނުލިބުމެއް ނޫން، އެ ފަރާތަށް ވެސް ބޮޑު ދަރަންޏެއް ބޮލުގައި އެޅޭ. އެކަމުން ސަލާމަތް ނުވެވިގެން ލޯނު ނުލިބިގެން އެ ބޭފުޅުންގެ ދިރިއުޅުމަށް ވެސް އޭގެން ދަތިތަކެއް ކުރިމަތިވޭ
މިނިސްޓަރ ވިދާޅުވީ ވިދާޅުވީ ސޯޝަލް ހައުސިން ލިބިފައިވާ މީހުން ބަރާބަރަށް ކުލި ދައްކާނަމަ އެ ހާލަތު ނާންނާނެ ކަމަށެވެ. އެހެންވެ ސަރުކާރުގެ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވި އެވެ.