ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަޝިޔާގެ ގައުމީ އެއާލައިން، އޭރޯޕްލޮޓް އަށް ހިނދުމަތްދޭން ފަށައިފިއެވެ.
ވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފަށާފައި ވަނީ މި މަހުގެ28 ވަނަ ދުވަހުގަ އެވެ.
ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯ ހުސެއިން ފަހުމީއެވެ.
ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އޭރޯފްލޮޓްގެ ފަރާތުން ރާއްޖޭގައި ހުންނަ ޖެނެރަލް މެނޭޖަރު އެވްގެނީ ރަޓުޝްނީ އާއި ރަޝިއަން ފެޑެރޭޝަނުން ރާއްޖެއަށް އައްޔަންކުރައްވާފައި ހުންނަވާ ކޮންސުލް ޖެނެރަލް އެލެކްސީ އެމް އިޑަމްކިން އާއި އޭރޯފްލޮޓްގެ އޮފިޝަލުންނާއި އެމްއޭސީއެލްގެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެފައިވެއެވެ.
ޓާމިނަލް 1 އިން އޭރޯފްލޮޓް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ އެއާލައިނުން ފުރި 133 ފަސިންޖަރުންނަށް ހަދިޔާ ދީފައިކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އަދި ޓާމިނަލްއަށް ކައިރި ކުރި އޭރޯފްލޮޓްގެ ފުރަތަމަ ފްލައިޓް, SU-320 އިން ރާއްޖެ އައި 384 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެމްއޭސީއެލުން އިތުރަށް ބުނިގޮތުގައި އޭރޯފްލޮޓް އާއެކު ޓާމިނަލް 1 އިން މިހާރު 39 އެއާލައިނަކަށް ހިދުމަތް ދެމުން ދާކަމަށެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.