އަންނަ 2026 ވަނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އަންނަ އަހަރަކީ އުފެއްދުންތެރިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅުމާއެކު، ވަކި ވަކި މުޒާރާތަކަށް މެންޑޭޓުތައް ވެސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ފިޝަރީޒް، އެގްރިކަލްޗާ، ޓެލެކޮމިއުނިކޭޝަން ޓްރާންސްޕޯޓް، އޭވިއޭޝަން، ހެރިޓޭޖް އަދި އެޑިއުކޭޝަންގެ އިތުރުން ކުޅިވަރުގެ ދާއިރާ އެވެ.
” މީގެމާނައަކީ ކުރިޔާ ހިލާފަށް، މިސާލަކަށް އަހަރެއް ކަނޑައަޅުއްވާފައި، އެ އަހަރެއް ނިމޭއިރުގައި ނުވަތަ އެ އަހަރެއްގެ ކުއާޓަލީ ފައިނޭންޝަލީ އަދި ނޮން ފައިނޭންޝަލީވެސް އޮޑިޓުވެސް ކުރެވޭ ގޮތަށް މި އަހަރު ކަނޑައަޅުއްވާފައިވަނީ.” ސައީދު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ ގޮތުގައި މިއީ ސަރުކާރުން ކުރާ ވަރަށް ބިނާކުރަނިވި މަސައްކަތަކަށް ވާނެ އެވެ.
މިގޮތަށް ރައީސް ނިންމެވީ ސައީދު ވިދާޅުވި ގޮތުގައި ވިޔަފާރިވެރިންނާ އެކު ރައީސް ބޭއްވި ބައްދަލުވުންތަކުގައި އެމީހުން ހިއްސާކުރި ކަންބޮޑުވުންތަކާއި މަޝްވަރާތަކުގެ މައްޗަށް ބިނާ ކުރެއްވުމަށްފަހު އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ވެގެންދާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސްޓާޓަޕްތަކަށް ހާއްސަ އިނާޔަތްތަކާއި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.