މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ ރިސްކް ޗެމްޕިއަނުންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުން އައްޔަންކޮށް، އެ މުވައްޒަފުންނަށް ހާއްސަ އެވެއާނެސް ސެޝަނެއް މިއަދު ބާއްވައިފި އެވެ.
މީރުމާގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ރިސްކް ޗެމްޕިއަނުންނަށް އެވެއާނެސް ސެޝަން ނަންގަވައިދެއްވީ އެސިސްޓަންޓް އޮޑިޓަރު ޖެނެރަލް އިބްރާހީމް ފަޒީލެވެ. މި ސެޝަންއަށް ފަހު، ރިސްކް ޗެމްޕިއަނުންނަށް އައްޔަންކުރި މުވައްޒަފުންނަށް ބެޖާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފަ އެވެ. ބެޖާއި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފަޒީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު (ސީއާރްއޯ) އިބްރާހީމް ރަޝީދު ވިދާޅުވީ، ޕޯޓްތަކަކީ އެންމެ “ހައި ރިސްކް” މަސައްކަތުގެ މާހައުލެއް އޮތް ދާއިރާ ކަމަށާއި މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން މާލޭ ވިޔަފާރި ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަކަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ކުންފުނީގެ ރިސްކް މެނޭޖްމަންޓް މަސައްކަތުގައި ރިސްކް ޗެމްޕިއަނުންނަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ބައެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރިސްކް ޗެމްޕިއަނުންނަކީ ކުންފުނީގެ ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް ވަރުގަދަކޮށް، ކުންފުނީގައި ރިސްކްތަކަށް ސަމާލުކަންދޭ، ހޭލުންތެރި މުވައްޒަފުންތަކެއް ބިނާކުރުމަށް ކުރާ މަސައްކަތުގައި މުހިންމު ދައުރެއް އަދާކުރާނެ މުވައްޒަފުންތަކެކެވެ. އެމްޕީއެލްގެ ކޮންމެ ޑިޕާޓްމަންޓަކުންވެސް ރިސްކް ޗެމްޕިއަނެއް ވަނީ އައްޔަންކޮށްފަ އެވެ.
މި މުވައްޒަފުންނަކީ ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލައިއަންސް ޑިޕާޓްމަންޓާ ގުޅިގެން، ކުންފުނީގައި ރިސްކް މެނޭޖްކުރުމަށް އަހުލުވެރި މުވައްޒަފުންތަކެއް ބިނާކުރުމަށް މަސައްކަތްކުރާނެ ބައެކެވެ. އަދި ކޮންމެ ޑިޕާޓްމަންޓަކުންވެސް ކުރަމުންދާ މަސައްކަތްތަކުގައި ހުރި ރިސްކްތައް ދެނެގަނެ، ރިސްކްތައް ކުޑަކުރުމަށް ރިސްކް ޗެމްޕިއަނުން މަސައްކަތްކުރާނެ އެވެ.