ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއުތަކުގެ ތެރެއިން އެ ރަށަކާ ކައިރި ރިސޯޓުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް އިސްކަން ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ޒުވާނުންގެ ހުށަހެޅުންތަކާއި އެހެނިހެން ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރޭ ބޭއްވެވި “ޔޫތު ކޮފީ ވިތު ޕްރެޒިޑެންޓް” ގެ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޯހިޔާވަހިކަމުގެ ދަތިކަންކަން ފާހަގަކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް އާއިލާއާ ދުރުގައި ރިސޯޓުތަކުގައި ދިރިއުޅެން ޖެހުމަކީ ބޮޑު ގޮންޖެހުމެއްކަމަށެވެ. އެގޮތަށް އާއިލާއާ ދުރުގައި ދިރިއުޅެން ޖެހުމަކީ ޒުވާނުންގެ ދިރިއުޅުމުގެ ފެންވަރަށާއި ހިތްހަމަޖެހުމަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެކި ރަށްރަށުގައި ހިންގުމަށް ހަވާލުކުރި 800 އަށް ވުރެ ގިނަ ހައުސިން ޔުނިޓްތަކުގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެ މަޝްރޫޢުތަކުން ފްލެޓް ދޫކުރާ އިރު ވަކި ޕަސެންޓެއް ޓޫރިޒަން ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ވެސް ކުރެވޭނެ ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނާއި އަލަށް އާއިލާއެއް ފަށައިގެން އުޅޭ ޒުވާނުންނަށް ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިސްކަންދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި އުސޫލަށް ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ހިންގާ މަޝްރޫއުތަކުގައި ވެސް އަމަލުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.