ނޯތު ހާބަރުގެ ހިދުމަތް ހޯދާ ކަނޑު އުޅަނދުފަހަރުތަކަށް އެމްއެމްއޭ ކުރިމަތީގައި ވަގުތީ ގޮތުން ޕާކުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ދެވަނަ ސެގްމެންޓްގެ މަސައްކަތްކުރުމަށް، ލޯކަލް މާރުކެޓްގެ ހުޅަނގަށް 100 މީޓަރު ސަރަހައްދުގައި ހިމެނޭ ކަނޑު އުޅަނދުތައް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް އެމްޕީއެލް އިން މީގެ ކުރިން ވަނީ އަންގާފަ އެވެ.
އެމްޕީއެލްއިން ބުނީ މާލޭ ނޯތު ހާބަރު އޭ ޒޯންގައި އަޅާފައިވާ ޕަސިންޖަރުންނާއި މުދާ އުފުލާ ކަނޑު އުޅަނދު ފަހަރުތައް މިހާރު އެމްއެމްއޭ ކުރިމަތި ސަރަހައްދަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ގެނެވުނު ބަދަލަށް އަމަލުކުރާ މުއްދަތުގައި، އެމްއެމްއޭ ކުރިމަތީގައި ޕާކުކުރާ އެއްވެސް ކަނޑު އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، މި ސަރަހައްދަށް އުޅަނދުފަހަރުތައް ވަދެ ކައިރިކޮށް އަދި ބޭއްވޭނީ މާލޭ ނޯތު ހާބަރުގެ ހުއްދަ ލިބިގެންނެވެ. އަދި އެ ސަރަހައްދުގެ ކީވޯލަށް އުޅަނދުފަހަރުތައް ކައިރި ކުރެވޭނީ މާލެ ނޯތު ހާބަރުގެ “ޒޯން އޭ”ގެ ކިޔު ތަރުތީބުންނެވެ. މީގެއިތުރުން، މި ސަރަހައްދު ކީވޯލުގައި އުޅަނދުފަހަރުތައް ބޭއްވޭނީ ގިނަވަގެން 10 ދުވަހުގެ މުއްދަތަށް ކަމަށާއި، 10 ދުވަހަށްވުރެ އިތުރަށް ކީވޯލްގައި އުޅަނދެއް ބާއްވަން ބޭނުންވާނަމަ، އެ އުޅަނދަށް ކީވޯލާއި ކައިރި ކުރެވޭނީ އަލުން ކިޔުގައި ނޯޓުކުރުމަށްފަހު، ކިޔު ތަރުތީބުން ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ އެ ކުންފުނިން އަމަލުކުރަން ނިންމާފައިވަނީ ހުރިހާ އުޅަނދުފަހަރަށް ވެސް އިންސާފުވެރި، ހަމަހަމަ އުސޫލަކުން ހިދުމަތް ދިނުމުގެ ބޭނުމުގައިކަމަށެވެ.
ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތުގެ ތެރެއިން، މާލޭ ނޯތު ހާބަރު ސަރަހައްދުގެ މަސައްކަތް ވަނީ މިމަހުގެ 20 ވަނަ ދުވަހު ފަށާފަ އެވެ.