ޝަރީއަތް ނިމެންދެން ވަކި މުއްދަތެއްނެތް ގޮތަށް ޖަލުގައި ތިބި މީހުންގެ ތެރެއިން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތައް، އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނެވެ.
ރައީސް ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލުވާން ދެން މާ ގިނަ ދުވަހެެއް ނުވާނެ ކަމަށެވެ. މިއީ އެތަށް އަހަރެއް ވެފައިވާ މަސައްލަތަކެއްކަން ރައީސް ފާަހަގަކުރެއްވި އެވެ. ވާނުވާ ބަންދުގެ އިތުރުން އެހެން މައްސަލަތައް ވެސް ވަރަށް އަވަހަށް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެއް އަހަރު ވެފައި ތިބި ގިނަ މީހުންގެ މައްސަލަތައް ކުރިއަށް އޮތް ތިން މަހެއްހާ ދުވަސް ތެރޭގައި އެއްކޮށް ކޯޓު މަރުހަލާތައް ނިމި ކޮންމެ ވެސް ގޮތެއް ނިމޭނެ. ދެން ހުރި މައްސަލަތައް ވެސް ނިމޭނެ. އެހެންވީމާ މާ ގިނަ ދުވަހެއް ދެން ނުވާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ވާނުވާ ބަންދުގައި މިހާރު 343 މީހުން އެބަތިއްބެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުން، ހަށިވިއްކުން، ތަންތަނުގައި ރޯކުރުން، ރަހީނުކުރުން، ގެވެށިއަނިޔާ، ހަތިޔާރު ބޭނުންކޮށްގެން ވައްކަން ކުރުން އަދި މަނީ ލޯންޑަރިން ފަދަ މަައްސަލަތަކުގައި ވެސް ވަރަށް ގިނަ ބަޔަކު ވާނުވާ ބަންދުގައި އެބަތިބި ކަމަށްް ވިދާޅުވި އެވެ.