ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.
އޭނަ ހައްޔަރުކޮށްފައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ.
މިމައްސަލައާ ގުޅިގެން، ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި އިރު އޭނާ އަތުގައި އޮތް ބެއާއެއް ބެލިބެލުމުން ފަހާފަ ހުރިކަމަށް ފާހަގަކުރެވިގެން ބެލިބެލުމުން މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލާގައި ހައްޔަރުކޮށްފައިވާ ނަވާޒް އަކީ ފުލުހެކެވެ. އަދި މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު އޭނަ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފަ އެވެ.