ރަސްމާލެ ޓްރާންސްޕޯޓް މާސްޓަރ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި އެވެ.
ރަސްމާލެއަކީ މާލޭ ކައިރި ފުށިދިއްގަރު ފަޅުން 1،009 ހެކްޓަރު ހިއްކައިގެން ތަރައްގީކުރާ ރަށެކެވެ. މިއީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުއެވެ.
ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ މާލެއާ ރަސްމާލެއާ ދެމެދު ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން ހުށަހެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. މި ހިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް ގައި ވަނީ ހިމަނާފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ކޮންސަލްޓަންޓެއް ހޮވާނީ ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މިމަސައްކަތްތުގެ ޓީއޯއާރް މިނިސްޓްރީގެ ވެބްސައިޓުން މިގާރު ޑައުންލޯޑްކުރެވޭނެ އެވެ. މިނިސްޓްރީން ބުނީ، މިމަސައްކަތާ ގުޅިގެން ދޫކުރާ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއްކަމަށެވެ.
މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 31 ޑިސެންބަރުގެ ކުރިން، “އެކްސްޕްރެޝަން އޮފް އިންޓަރެސްޓް” މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2023 އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ރަސްމާލެ މަޝްރޫއުގެ ދަށުން 65،000 ގެދޮރު ޔަގީންވާނެކަމަށް ސަރުކާރުން ބުނެ އެވެ. ތިމާވެއްޓާ ރައްޓެހި އިކޯ ސިޓީގެ މޮޑެލްއަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ ވެގެންދާނީ އިންޑިއާ ކަނޑުގައި ތަރައްގީކުރާ ފުރަތަމަ ޒީރޯ ކާބަން ސިޓީކަމަށާއި، މިއީ ޓެކްނޮލޮޖީގެ އިތުރުން ތިމާވެއްޓާއި ރައްޓެހި އިތުރު އީޖާދީ ބަދަލުތައް ރާއްޖެއަށް ތައާރަފްވެގެންދާނެ މަޝްރޫއެއްކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.