ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން މައާފުކޮށް ދީފިއެވެ.
ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ މަޢާފްކޮށްދީފައިވާ ކަމަށެވެ. ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަނެއްހާ ރުފިޔާ އަރާފައިވާކަމަށް އޭނަ ވިދާޅުވި އެވެ.
މައާފުކޮށް ދީފައި ވަނީ މިިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން މިިދިޔަ މަހުގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާތަކެވެ. ހިޔާ ފްލެޓުތަކުގެ ކުލި ނުދައްކައިގެން 2023 ވަނަ އަހަރު އަރާފައިވާ ޖޫރިމަނާތައް ވެސް ވަނީ އެއްކޮށް މާފުކޮށް ދީފަ އެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ ހިޔާ ޓަވަރުގެ ކޮންމެ އެޕާޓްމަންޓެއްގެ މަހު ކުއްޔަކީ 3،984ރ. އެވެ. އަދި މެއިންޓަނެންސް ފީގެ ގޮތުގައި ނަގާ 1،000ރ. ރުފިޔާއެކު ކޮންމެ މަހަކު ދައްކަން ޖެހެނީ 4،984ރ. އެވެ.
އެޗްޑީސީން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން ގަވާއިދުން ކުލި ދައްކަނީ އެންމެ 3،000 އެއްހާ ޔުނިޓުގެ ވެރިންނެވެ. އަދި ކުލީގެ ގޮތުގައި ނުލިބިވާ ފައިސާގެ އަދަދު 700 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ އެވެ.
ހިޔާ ފްލެޓްތަކުގެ ކުލި ނުދައްކައިގެން އެންމެ ފަހުން އަރާފައިވާ ޖޫރިމަނާތައް މަޢާފްކޮށް ދިން އިރު މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިންގ މަސައްކަތްތަކަށް ދިޔަ ޚަރަދުން 200،000ރ. މާފުކުރުމަށް ވަޢުދުވެވަޑައިގެންނެވި ގޮތަށް އެބަދަލު އެގްރީމަންޓަށް ގެންނަވާނެކަމަށް ވިދާޅުވެފަ އެވެ. އަދި ފައިސާ ނުދެއްކި ބެކްލޮގް އަރާފައިވާ ފަރާތްތަކަށް ވެސް ލުއި ގޮތްތަކެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވި އެވެ.