މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ އޭޕްރަންއަށް އިތުރުކުރި ބައި ހުޅުވައިފި އެވެ.
މާޕަރު އެއާޕޯޓް އޮޕޮރޭޓްކުރާ އައިލެންޑް އެވިއޭޝަނުން ބުނީ، އަލަށް ހުޅުވި ބަޔާއިއެކު މިހާރު މާފަރު އެއަރޕޯޓުގައި އެއްފަހަރާ 35 ފްލައިޓު ޕާކު ކުރެވޭނެ ކަމަށެވެ.
މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ، މާފަރު އެއާޕޯޓުގެ ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށްޓަކައި، އިތުރު ޓަރމިނަލް އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތުގެ ބިންގާވެސް އަޅާފައެވެ. ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްގެން 2 ފަންގިފިލައަށް ތަރައްގީ ކުރާ މިއިމާރާތުގައި 12،000 އަކަފޫޓޫ ހުންނާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެ އެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ކުރިއަށް އޮތް 10 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފިޔަވައި، ދެން އެންމެ ގިނައިން ބައިނަލްއަގްވާމީ އެއާލައިންތައް ބަނދަރު ކުރާ އެއާޕޯޓެވެ. އަދި އެންމެ ގިނަ ޕްރައިވެޓް ޖެޓްތަކުގެ މަންޒިލެއް ވެސްމެއެވެ.