ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރު ޓާމިނަލުން ޑިސްކަވާ އެއާލައިންސް އަށް ހިދުމަތް ދޭން ފަށައިފި އެވެ.
އައު ޓާމިނަލުން ޑިސްކަވާ އެއާލައިންސް އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެ އެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރީޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.
އެމްއޭސީއެލް އިން ބުނީ މި ރަސްމިއްޔާތުގަ ޑިސްކަވާ އެއާލައިންސް އިން ޗެކިން ކައުންޓަރުތައް ހުޅުވައި އެ ފްލައިޓުން ދަތުރުކުރި 114 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު، 4Y154 އިން ރާއްޖެ އައި ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ޑިސްކަވާ އެއާލައިންސްއަކީ ޖަރުމަނުގެ އެންމެ ބޮޑު، އަދި ޔޫރަޕުގެ ލީޑިން އެއާލައިން ކަމަށްވާ ލުފްތާންސާ ގްރޫޕްގެ އެއާލައިނެކެވެ. މިއީ އާ ޓަމިނަލުން ހިދުމަތްދޭން ފެށި ޖަރުމަނުގެ ދެވަނަ އެއާލައިނެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެ އެވެ.