މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮކޮށް، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފިއެވެ.
މީގެ ކުރިން މަސް ގަންނަ އަގު ކިލޯއެއް 16 ރުފިޔާގެ ރޭޓް ކަނޑައަޅާފައި ވަނީ ދޮޅު ކިލޯއަށް ވުރެ ބަރުކޮށް ހުންނަ މަހަށެވެ. ނަމަވެސް މިހާރު މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް ވެސް ކިލޯއެއް 16 ރުފިޔާގެ ރޭޓުން ފައިސާ ލިބޭނެ އެވެ.
މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު، އައިސް އެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯ ގަންނަ އަގަކީ 14 ރުފިޔާއެވެ. ނަމަވެސް 15 ކިލޯއަށް ވުރެ ބަރު ކަންނެލި ގަންނަ އަގަކީ ކިލޯއެއް 18 ރުފިޔާއެވެ.
މީގެއިތުރުން މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުން ދާނީ ލީޓަރެއް 13.90 ރުފިޔާއަށެވެ. އަދި ތިން ޓަނަށް ވުރެ އިތުރަށް މަސް ކިރާނަމަ، ލީޓަރެއް ވިއްކާނީ 13.72 ރުފިޔާއަށް ކަމަސް މިފްކޯ އިން ބުނެއެވެ. އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކާނީ ލީޓަރެއް 14.43 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުނެއެވެ.