މިއަދު ރާއްޖޭގައި އެންމެ ވައި ނުސާފުވާނީ އުތުރުގެ އަތޮޅުތަކަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، (މެޓް) އޮފީހުން ބުނެފިއެވެ.
ވައިގެ ސާފުކަން މިންކޮށްދޭ އައިކިއު އެއާއިން މިއަދު ދައްކާ ގޮތުގައި، ރާއްޖޭގައި ޔޫއެސް އައިކިއުއައި ހުރީ 57 ގައެވެ. އެއީ، ނުރައްކަލުގެ ރީނދޫ ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް 2.5 ރާއްޖޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 12.9 މައިކްރޯގްރާމްގައެވެ.
މައުލޫމާތުލިބޭ ގޮތުގައި މިއަދު ރާއްޖޭގައި ބޮޑަށް ވައި ނުސާފު ވާނީ އުތުރުގެ އަތޮޅުތަކަށެވެ. މިއަދު ނުރައްކާ މިންވަރަކަށް ވައިނުސާފު ނުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އެޗްޕީއޭ އިން ހުކުރު ދުވަހު ވަނީ ނުރައްކާތެރި މިންވަރަކަށް މާލެ ސަރަހައްދަށް ވައި ނުސާފު ކަމަށް ބުނެ، އޮރެންޖު އެލާޓު ނެރެފައެވެ. އައިކިއު އެއާއިން އެ ދުވަހު ދެއްކި ގޮތުގައި، މާލޭގައި ޔޫއެސް އައިކިއުއައި އެ ދުވަހު ހުރީ 117 ގައެވެ. އެއީ، ނުރައްކަލުގެ އޮރެންޖު ސަމާލު ލެވެލް ކަމަށްވާއިރު، ފައިން ޕާޓިކިއުލޭޓް މެޓާ ނުވަތަ ޕީއެމް 2.5 މާލޭގައި ހުރީ، ކޮންމެ ކިއުބިކް މީޓާއަކަށް 42 މައިކްރޯގްރާމްގައެވެ.
މާލެ ސަރަހައްދަށް ވައި ނުސާފުވުމުން އޮރެންޖު އެލާޓު ނެރުނުއިރު، މި ހަފުތާގައި ވެސް މާލެ ހިމެނޭހެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.