ކުރިއަށް އޮތް ދޮޅުމަސް ތެރޭ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެކަމަށް އެމަސައްކަތް ކުރިޔަށްގެންދާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕަނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެމްއޭސީއެލްއިން ބުނީ، މި މަޝްރޫއުގެ ތެރެއިން ހޮނިހިރު ދުވަހުގެ ނިޔަލަށް 31 ހެކްޓަރުގެ ބިން ހިއްކާ ނިންމާލާފައިވާކަމަށެވެ. މިއީ ހުޅުމާލޭ ފޭސް 3 އިން ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްޓަރުގެ ތެރެއިން 49.2 އިންސައްތަ މަސައްކަތެވެ. އަދި އަމާޒަކީ ކުރިއަށް އޮތް ދޮޅު މަސްތެރޭގައި ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުންކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
ހުޅުމާލޭ ފޭސް 3 ހިއްކުމުގެ މަސައްކަތް ނިމުމާއެކު އެސަރަޙައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދޫކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ދަށުން ބިން ހިއްކަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް މިވޭތުވެދިޔަ މުއްދަތުގައި ހުއްޓިފައި އޮތުމަށްފަހު އެމަސައްކަތް އަލުން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 10 ގައެވެ.
މި މަސައްކަތް އަވަސްކުރުމަށް ސަރުކާރުން މިހާރުވަނީ 22000 ކިއުބިކް މީޓަރުގެ ވެލި އެއްފަހަރާ ނެގޭވަރުގެ ކެޕޭސިޓީގެ ބޮޑު 2 ޑްރެޖަރު ރާއްޖެ ގެނެސްފައެވެ. މީގެ ތެރެއިން ބޮސްކާލީސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ ގެނެސް ބިން ހިއްކަން ފަށާފައިވަނީ ނޮވްމެބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.