މަސްވެރިކަމުގެ ސިނާއަތަކީ ހަގީގީ މާނައިގައި ދިވެހިންގެ ލޭނާރުކަމުގައި އަލުން ހެދުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ، ރ ދުވާފަރުގައި ބޭއްވި، 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަނީ، މަސްވެރިކަމަކީ ދިވެހީންގެ ޝަހިސިއްޔަތާއި ގައުމިއްޔަތާ ގުޅިލާމެހިފައިވާ ސިނާއަތެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ދިވެހި މަސްވެރިކަން އާލާކޮށް، ކޮޅަށްޖަހައި، އިތުރަށް ތަރައްގީކުރުމަށްޓަކައި، 6 ދާއިރާއަކުން ކަނޑައަޅާފައިވާ 6 ސިޔާސަތެއްގެ މައްޗަށް ބިނާކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް އެމަނިކުފާނު ވިދާޅުވި އެެވެ.
އެގޮތަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، މިއަދުން ފެށިގެން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރިޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނާނީ، ދޮޅު ކިލޯ މަހުގެ ބަދަލުގައި، އެއް ކިލޯ އާއި އެއަށްވުރެ ބަރުކޮށް ކިރާ މަހަށް އެންމެ މަތީ އަގު ދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޯލްޑް ސްޓޯރޭޖް އިތުރުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯން ދޫކުރުމަށް ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރާ ޕްރޮސެސިންގ ކާރުހާނާތަކުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވި އެވެ. އަދި ފިއުލް ސްކިޑްތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވައި، ކަނޑައެޅިފައިވާ ހުރިހާ ސަރަހައްދެއްގައި، އަންނަ މާރިޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑްތައް ޤާއިމުކޮށް ނިންމޭނޭކަމަށްވެސް ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވަނީ، ފަރުވާތެރިކަމާއެކު ދުރުރާސްތާއަށް ވިސްނަވާވަޑައިގެން، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރެވޭނޭ ގޮތަށްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. މިފްކޯއިން ބޮޑުކަންނެލި ގަނެވޭނޭ އިންތިޒާމުވެސް ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސުމަށްޓަކައި އިތުރު މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އެންމެ ބޮޑަށް ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަސްކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.