މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) މިއަދު ފަށައިފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ކުރިއަށްދާނީ 13 ޑިސެމްބަރު އިން 14 ޑިސެންބަރަށް ކުރުނބާ މޯލްޑިވްސްގައެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުން ބައިވެރިވާ ފަރާތްތައް ހިމެނޭހެން 100 އަށްވުރެ ގިނަ ބައިވެރިން، މި ފޯރަމްގައި އަމަލީގޮތުން ބައިވެރިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ސިއްހީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ސިއްހީ ހިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ސިއްހީ ދާއިރާއިން ތައުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްއިއްޔާތަށް ހިމެނެއެވެ. ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ގައުމުތަކުގެ ތަޖްރިބާ ހިއްސާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދ އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލްއަގްވާމީ ޖަމްޢިއްޔާތަށް ހިމެނެއެވެ.
ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫ.އެޗް.ސީ) ގެ މަފްހޫމަކީ، އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތް، ތަފާތެއްނެތި އަދި އެއްވެސް މީހަކު ބާކީ ނުވާނޭހެން، އެމީހަކު ދިރިއުޅޭ ކޮންމެ ތަނަކުން ފަސޭހަކަމާއި އެކު ލިބެންހުރުމެވެ. ޔޫ.އެޗް.ސީ ޙާޞިލުކުރުމަކީ 2030 ގެ ނިޔަލަށް ހާސިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ގައި ކަނއަޅާފއިވާ އަދި ގައުމެއްގެ ސިއްހީ ނިޒާމުގެ ފުރިހަމަކަން އަންދާޒާކޮށް މިންކުރުމަށްވެސް ބަލާ ލަނޑުދަނޑިއެކެވެ.
އެސްޑީޖީއަކީ އދ.ގެ މެމްބަރު ގައުމުތަކުން 2015 ވަނަ އަހަރުން ފެށިގެން 2030 ވަނަ އަހަރާއި ހަމައަށް ދުނިޔޭގެ ތަރައްގީ ދެމެހެއްޓެނިވިގޮތެއްގައި ކުރިއަށް ގެންދިޔުމަށް އެކުލަވާލާ ފްރޭމްވޯކެކެވެ.
އެސްޑީޖީގެ ގޯލްސްތައް 2030އަށް ހާސިލްކުރުމަށް އަމާޒުހިފާފައިވާއިރު، ރާއްޖޭގައި ޔޫއެޗްސީގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގަ ސާވިސް ކަވަރޭޖް އިންޑެކްސެއް ވަނީ ހާސިލް ކުރެވިފައެވެ.
ޔޫ.އެޗް.ސީ ގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކޮށް ދެމެހެއްޓުމަށް ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމު ޤާއިމުކުރުމާއި އެކިއެކި ޚިދުމަތްތައް ޚިދުމަތް އަމާޒުވާ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން ޔޫ.އެޗް.ސީ ގެ ލަންޑުދަނޑިތައް ޙާޞިލުވާނޭހެން އިންތިޒާމު ކުރުމަކީ ޔޫ.އެޗް.ސީގެ ސިޔާސަތުގެ އަސާސީ ސިފަތަކެވެ.
އެހެން ޤައުމުތަކުގެ ތަޖްރިބާއަށްބަލާ، އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފއިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030 އަށް މަގު ޗާޓެއް އެކުލަވާލުމާއި، އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތަކާއި ކަންކަމާއިމެދު މި ފޯރަމްގައި މަޝްވަރާކޮށް ނިންމުންތައް ނިންމުމަށް ހަމަޖެހިފައިވެއެވެ.