ސައުދީ އަރަބިއްޔާއިން އެއްވެސް ގައުމަކަށް ހައްޖު ކޯޓާ އިތުރުކޮށްދޭނަމަ، ރާއްޖެއަށް ފުރުސަތު ދެއްވާނެކަމަށް ޔަގީން ކުރައްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ހައްޖު އުމްރާގެ ދެވަނަ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ އަމިއްލަ ކުންފުނިތަކުން އުމްރާގެ ހިދުމަތް ދޭއިރު، އިދާރީ ކަންކަން އެންމެ ރަނގަޅަށް ކުރިއަށްނުގެންދިޔުމުގެ ސަބަބުން އޭގެ ތަކުލީފު އުމްރާވެރިން އުފުލަންޖެހޭކަމަށެވެ. މިހެންވުމުން ފަހުވަގުތު އެމައްސަލައިގެ ތެރެއަށް ސަރުކާރުން ވަންނަންޖެހޭކަމަށާއި، އެކަމަށް ބޮޑު ހަރަދެއް ހައްޖު ކޯޕަރޭޝަނުން ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.
ހައްޖުގެ ވާހަކަދައްކާއިރު ގިނަބައެއްގެ ސަމާލުކަން ހުއްޓެނީ ރާއްޖެއަށް ލިބޭ ކޯޓާއާއި ހިސާބުންކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ހަރަމްފުޅުކައިރީ އުމްރާނީ މަސައްކަތްތައް ކުރަމުން އަންނާތީ ގައުމުތަކަށް ކޯޓާ އިތުރުކުރުމަށް ސައުދީން އަދި ނިންމާފައި ނުވާކަމަށެވެ.
ހައްޖާއި އުމްރާގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ އެންމެ ފުރިހަމަ ހިދުމަތެއް ދެމުންދާ ކުންފުނިތަކުގެ އަގުވަޒަން ކުރައްވާފައެވެ. އެގޮތުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، އަލް މަނާސިކް، މީގާތު ހައްޖު އެންޑް އުމްރާ، ގުބާ ހައްޖު، އަލް ބުރޫޖް އިން ހައްޖާއި އުމްރާގެ ކަންކަން ވުޒާރާގެ އުސޫލުތަކާއި އެއްގޮތަށް ކުރަމުންގެންދާތީ އެކުންފުނިތަކަށްވަނީ ހަނދާނީ ފިލާއަރުވާފަ އެވެ.
މިރަސްމިއްޔާތުގައި ހައްޖު އަދި އުމްރާގެ ކަންކަން ފަހިކޮށްދެއްވުމަށް ޝައިޚް ފަރީދު ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަންކުރައްވައިވަނީ ހަނދާނުގައިވަނީ ފިލައެއް އަރުއްވާފައެވެ.
ހައްޖުގެ ކަންކަން އިތުރަށް ފަހިކުރުމަށާއި އެދާއިރާއިން މީހުން ބިނާކުރުމަށްޓަކައި އެހީތެރިވުމުގެ ގޮތުން ހައްޖު ކޯޕަރޭޝަނުން އަލް ސަފްވާ ފައުންޑޭޝަނާއެކުވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. ހައްޖު އުމްރާ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޞަފްވާ ފައުންޑޭޝަންގެ ޗެއަރމަންވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގައި ބާއްވާ މިފަދަ ދެވަނަ ކޮންފަރެންސާއެކު ކުރިއަށް އޮތްތަނުގައި ހައްޖު އަދި އުމްރާގެ ހިދުމަތްތައް އިތުރަށް ފަސޭހަ ވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެެއެވެ.