ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާލައިފިއެވެ.
ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށްވަނީ ހަމަޖެހިފައެވެ.
މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމާއި އެނޫންވެސް ޖާގައިގެ ދަތިކަމަށް ދުރުރާސްތާ ޕްލޭނެއްގެ ދަށުން ހައްލު ގެނައުމަށް ސަރުކާރުންވަނީ “ރަސްމާލެ” ނަމުގައި ބިޔަ މަޝްރޫއެއް ފައްޓަވާފައިއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނައިރު ޖުމްލަ 1،009 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި މިވަގުތު މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރު ވަނީ ހިއްކާ ނިންމާލާފަ އެވެ. މީގެ އިތުރުން ޗައިނާ ހާބަރ އިނޖިނިއަރިންގއާއި ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް އެމްއޭސީއެލްއިން ގެނައި 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން މިހާތަނަށް 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.
މައްޗަންގޯޅީގެ ރައްޔިތުންނާއެކު މިމަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ ރައީސް ރަސްމާލެ ބިން ހިއްކާ ނިމޭއިރު އެސަރަޙައްދުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ނިމޭނެކަމަށެވެ. ރަސްމާލެއިން ޖުމްލަ 25،000 ގޯތިދޫކުރުމަށް ނިންމާފައިވާއިރު ފުރަތަމަ ބުރުގައި 15،000 މިހާރުވާނީ ޢިއުލާންކޮށްފައެވެ.