ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓު އާންމުކޮށްފިއެވެ. ރިޕޯޓު އާންމުކުރުމާއެކު ރިޕޯޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ވަގުތީ ރިޕޯޓުގައިވާ ގޮތުން ރަށު ކައުންސިލްތަކަށް އިންތިހާބުކުރަންޖެހޭ ކައުންސިލަރުންގެ ޖުމުލަ އަދަދަކީ 629 އެވެ. އަދި ރަށު ކައުންސިލްތަކުގެ ދާއިރާތަކުގެ ޖުމުލަ އަދަދަކީ 179 އެވެ. ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބުކުރަންޖެހޭއިރު، ސިޓީތަކުގެ ދާއިރާތަކުގެ އަދަދަކީ 47 އެވެ. މީގެ އިތުރުން ރަށްރަށުގެ އަންހެނުންގެ ތަރަގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 629 މެންބަރުން އިންތިހާބުކުރަންޖެހޭއިރު، ސިޓީތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 52 މެންބަރުން އިންތިހާބުކުރަންޖެހޭ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެއެެވެ.
އިންތިހާބު ކުރަންޖެހޭ ދާއިރާތަކާއި މެންބަރުންގެ ޖުމްލަ އަދަދަކީ:
- ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ ދާއިރާގެ އަދަދު: 226
- ލޯކަލް ކައުންސިލްތަކަށް އިންތިހާބު ކުރަންޖެހޭ ޖުމްލަ އަދަދު: 681
- ޑަބްލިޔުޑީސީއަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދު: 681
- ދެ އިންތިހާބަށް ކުރަންޖެހޭ ޖުމްލަ އަދަދު: 1،362
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ ބޮޑު ބަދަލަކާއެކީގައެވެ. އެގޮތުން ގާނޫނުތަކަށް ގެނައި އިޞްލާޙުތަކަކާ ގުޅިގެން 2000 މީހުންނަށްވުރެ ކުޑަ އާބާދީ ހިމެނޭ ރަށްރަށަށް އިންތިހާބުކުރާނީ 3 ކައުންސިލަރުންނެވެ. 2000 މީހުންނަށްވުރެ އާބާދީ ބޮޑު ނަމަ 5 ކައުންސިލަރުންނެވެ. އަދި މި އިންތިހާބަށްފަހު އަތޮޅު ކައުންސިލްތައް އުވިގެންދާނެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް އައްޑޫ ސިޓީ ހުޅުދޫއާއި މީދޫއަށް ވަކި ކައުންސިލްތަކެއް ލިބިގެންދާނެއެވެ.
އިންތިހާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ވަގުތީ ރިޕޯޓުގައިވާ ގޮތުން 2000 އަށްވުރެ އާބާދީ ކުޑަވުމުން 3 ކައުންސިލަރުން ތިބޭނީ 133 ރަށެއްގައެވެ. އެގޮތުން އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސް އަދި 1 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ.
5 ކައުންސިލަރުން ތިބޭނީ 46 ރަށެއްގައެވެ. އެގޮތުން އިންތިހާބުކުރާނީ ކައުންސިލްގެ ރައީސް އަދި 2 އަންހެން ކައުންސިލަރުން ހިމެނޭ ގޮތަށެވެ. އަދި ޑަބްލިޔުޑީސީއަށްވެސް އިންތިހާބުކުރާނީ 5 މެންބަރުންނެވެ. އިލެކްޝަންސް ކޮމިޝަނުން އާބާދީ ކަނޑައަޅުއްވާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ރަށްރަށުގައި ތިބި އާބާދީއަށް ބެލުމަށްފަހުއެވެ