އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި، އެ ކުންފުނީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދު، އެ ކުންފުނީގެ ސާވާގައި ހުރި ލިޔުންތަކެއް ރިކަވާ ނުކުރެވޭ ގޮތަށް ޑިލީޓްކޮށްފައިވާކަމަށް ތުހުމަތުކުރި މައްސަލާގައި ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނެތުމުން ދައުވާ ނުކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފި އެެވެ.
މި މައްސަލާގައި، ފަޒުލްއާއި، ޝަހޫދުގެ މައްޗަށް ކުރީ، ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ ލިޔުންތަކެއް އެޗްޑީސީގެ ސާވާގެ ތެރެއިން ޑިލީޓްކޮށްލާފައިވާތީ، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ.
ޕީޖީ އޮފީހުން ބުނީ، އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި، އެޗްޑީސީގެ ސާވަާ ތެރެއިން އެއްވެސް ލިޔުމެއް ނުވަތަ ޑާޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ރިޕޯޓުގައި، ފަޒުލްއާއި ޝުހޫދު، އެޗްޑީސީގެ ސާވާގެ ތެރެއިން އެއްވެސް ލިޔުމެއް ނައްތާލާފައިވާކަން ތަހިގީގަށް ހޯދިފައިނުވާކަމަށް ބަޔާންކޮށްފައިވާކަމަށްވެސް ޕީޖީން ބުންޏެވެ.
އެހެންކަމުން، ފަޒުލްއާއި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފަ އެވެ.