ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ނެގެހެއްޓޭނީވެސް ފަލަސްތީނުގެ މައްސަލައަށް އަލުވެރި، ސުލްޙަވެރި ހައްލެއް އަތުވެގެންކަމަށް ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
ހަލީލް މިހެން ވިދާޅުވީ، ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ، ދޯހާ ފޯރަމްގެ 23 ވަނަ އެޑިޝަންގެ މިނިސްޓީރިއަލް ރައުންޑް ޓޭބަލްގައި ބައިވެރިވެވަޑައިގެން، ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ހަލީލް ވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލު ކުރިއަރުވައި، ގާނޫނީ ވެރިކަން ނެގެހެއްޓުމާއި، އަދި ބައިނަލްއަގްވާމީ އަދުލު އިންސާފުގެ ނިޒާމުތައް ހަރުދަނާ ކުރުމަށް ރާއްޖޭން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަން ފާހަގަކުރައްވާފަ އެވެ. އަދި އަދުލު އިންސާފު ގާއިމްކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ހަމަހަމަކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ އިތުބާރާއި، ޖަވާބުދާރީކުރުވުން ބައިނަލްއަގުވާމީ ފެންވަރުގައި ދެމެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލެއްވި އެވެ.
މީގެއިތުރުން، އަދުލު އިންސާފު ޤާއިމުކުރުމުގައި އިންސާނީ ކަރާމާތް ނެގެހެއްޓުމަށާއި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ކަމަކީ އަދުލު އިންސާފު ގާއިމްކުރުމުގައި ބައިނަލްއަގުވާމީ މުޖުތަމައު ކުރާ މަސައްކަތްތައް މިންކުރެވިގެންދާނެ ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ފަލަސްތީނު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، އަނިޔާވެރިން ޖަވާބުދާރީ ކުރުވުމުގެ އިތުރުން އަނިޔާވެރިކަމަށް އަވަސް ނިމުމެއް ގެނައުމަށް ރާއްޖެއިން ގޮވާލާ ގޮވާލުން މިނިސްޓަރު ވަނީ ތަކުރާރުކުރައްވާފަ އެވެ.
ހަލީލްގެ ވާހަކާގައި، ބައިނަލްއަޤްގުވާމީ ގާނޫނުތަކަކީ އަދުލުވެރި އިންސާފަށް މަގުދައްކައިދޭ ވަސީލަތަކަށް ވާން ޖެހޭކަމަށާއި އެެގޮތުން ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ފަލަސްތީނު ރައްޔިތުންނަށް އަދުލު އިންސާފު ލިބުން ލަސްވުމަކީ އަދުލު އިންސާފު ނުލިބުން ކަމުގައި އެ މަނިކުފާނު ސިފަކުރައްވާފައިވެ އެވެ. އަދި ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ނިޒާމުގެ އިތުބާރު ނެގެހެއްޓޭނީވެސް ފަލަސްތީނުގެ މައްސަލައަށް އަދުލުވެރި، ސުލްހަވެރި ހައްލެއް އަތުވެގެން ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.