ޖީއެސްޓީ އާއި އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބުމާއިއެކު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ފައިސާ ޖަމާކުރުން އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ، ޓީ-ޖީއެސްޓީއާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެގަ އެވެ. އޭގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 31.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 3.2 ބިލިއަން ރުފިޔާ ނުވަތަ 10.2 އިންސައްތަ އިތުރު އަދަދެކެވެ. ސަރުކާރުގެ އާމްދަނީގެ މައިގަނޑު ހިއްސާއަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް އާމްދަނީ 24 ބިލިއަން ރުފިޔާއިން 26.1 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 8.8 އިންސައްތަ އިތުރުވުމެކެވެ.
މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. ޖުމްލަ ޓެކްސް ނޫން އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، 2024 ވަނަ އަހަރުގެ އެމުއްދަތުގައި ލިބުނު 7.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއީ 1.4 ބިލިއަން ރުފިޔާ ނުވަތަ 19 އިންސައްތައިގެ އިތުރުވުމެކެވެ.
މިއާއެކު އެސްޑީއެފްއަށް ފައިސާ ޖަމާކުރުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން 27 ނިވެމްބަރުގެ ނިޔަލަށް އެސްޑީއެފްއަށް ޖަމާކުރި ޖުމްލަ ފައިސާ 2.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު މިއީ މިިދޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 84.9 އިންސައްތަ އިތުރު އަދަދެެކެވެ. މިދިޔަ އަހަރުގެ މު މުއްދަތުގައި ޖަމާކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު، ޖުމްލަ ޑެފިސިޓްވެސް ވަނީ ބޮޑުތަނުން ކުޑަވެފައެވެ. އެގޮތުން، ބަޖެޓްގެ ޖުމްލަ ބެލެންސް ވަނީ މިދިޔަ އަހަރުގެ އެމުއްދަތުގައި ހުރި 10.2 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 1.4 ބިލިއަން ރުފިޔާއަށް ރަނގަޅުވެފައެވެ. އަދި އެމުއްދަތެއްގައި ޕްރައިމަރީ ބެލެންސް ވަނީ 5.9 ބިލިއަން ރުފިޔާގެ ޑެފިސިޓަކުން 2.8 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް ބަދަލުވެފައެވެ.