މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ހައުސިން ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހުކުރަން ނިންމާފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރޭ، މާލޭ ސިޓީގެ ހެންވޭރު ރައްޔިތުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކަލާފާނު ސްކޫލްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައިވެސް، އެންމެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅޭގޮތުންނެވެ. އެކަންކަމަށް އިޝާރާތް ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މަޖުބޫރީ ހާލަތްތަކުގައި ކުރީގެ ސްކީމްތަކަށް ކުރިމަތިލާންޖެހި، އެއް ކޮޓަރީގެ ފްލެޓް ލިބިވަޑައިގެންފައިވާ ފަރާތްތަކަށް، ތިން ކޮޓަރީގެ ފްލެޓްތަކަށް ކުރިމަތިލެވޭ ގޮތަށް ސްކީމް އިސްލާހުކުރައްވަން ނިންމަވާފައިވާކަމަށެވެ. އަދި ސްކީމްތަކަށް ކުރިމަތިލުމަށް އޮންނަ ޝަރުތުތަކުގެ ތެރޭ، މާލޭ ރައްވެއްސެއްގެ ގޮތުގައި ފަސް އަހަރު ހަމަވެފައި އޮތުމަށް އޮންނަ މައްސަލައަށްވެސް އީޖާބީ ހައްލެއް ހޯއްދަވައިދެއްވާނޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެކި ސަރުކާރުތަކުން، ހުރި ބިމާއި ނެތް ބިމުން ގޯއްޗާއި ފްލެޓް ދޫކުރައްވާފައި ހުރި ގޮތާއި، އެކަންކަމުގައި ނާއިންސާފާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ފަރާތްތަކަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ދެއްވައި ރައީސް ވަނީ، ވައުދުފުޅުތައް ފުއްދަވާނޭކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރޭގެ ބައްދަލުކުރެއްވުމުގައި ރައްޔިތުން ހުށައެޅި ބައެއް އިތުރު ހިޔާލުތަކަށްވެސް ރައީސް ވަނީ ޖަވާބުދެއްވާފަ އެވެ. އެގޮތުން، އަދުލު އިންސާފުގެ ނިޒާމުގެ މިނިވަންކަން އިތުރުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، ރައްޔިތުންނަށް އެކަން އިހުސާސްވާ މިންވަރަށް އެ މިނިވަންކަން ފެންނަމުންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ގައުމީ ބޮޑެތި ނިންމެވުންތައް ނިންމަވަނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުންގެ މަޝްވަރާގެ މަތީންކަން ތަކުރާރުކުރައްވައި، މިއަދު ވޯޓަކުން އެ ސުވާލު ކުރެއްވިކަމުގައިވިޔަސް، އެކަން ސާބިތު ކުރެވޭނޭކަމަށް ވިދާޅުވި އެެވެ،
އެންސްޕާ އިން އެހީ ހޯދުމުގެ އިޖުރާއަތްތަކާ މެދު ހުށަހެޅުއްވި ޝަކުވާއެއްގެ ޖަވާބުގައި، އެކަން އިތުރަށް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދީންނަށް ހުރި ދަތިތައް ހައްލުކުރެއްވުމަށް ދެއްވާ އަހުމިއްޔަތު ހާމަކުރައްވައި، އެމަނިކުފާނު އިސްކަންދެއްވަނީ، ހަވާސާވެފައިވާ އެފަދަ ފަރާތްތައް މުޖުތަމައުގައި ޝާމިލުކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕޭ ހާމަނައިޒޭޝަންގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ ދޮރު ބަންދުވީ ނޫންކަން ފާހަގަކުރައްވައި، ޕޭ ކޮމިޝަނާ ގުޅިގެން އަދިވެސް މައްސަލަތައް ހައްލުކުރެވޭނޭކަމަށް ރައީސް ވިދާޅުވިއެވެ.