އެންމެ މީހަކު، 100 އަށްވުރެ ގިނަ ޑެބިޓް ކާޑު ބޭރު ގައުމަކަށް ގެންގޮސް ބޭރު ފައިސާ ނަގައި، ކާޑު ލިމިޓްތައް ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް އެ ބޭންކުން ބުނެފި އެވެ.
މިދިޔަ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ރާއްޖެއިން ބޭރުގައި ބޭނުންކުރާ އަދަދު ވަނީ އިތުރުކޮށްފައެވެ. ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބަލައިގެން ގެނެސްފައިވާ މި ބަދަލުގައި ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ބޭނުން ކުރާ މުއާމަލާތްތަކަށް މަހަކަށް 1000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންގ އަށާއި، ޞިއްހީ ފަރުވާއަށް ފައިސާ ދެއްކުމަށް މަހަކަށް 3000 ޑޮލަރާއި ހަމަޔަށް ވަނީ ލިމިޓު ކަނޑައަޅާފައެވެ.
ބީއެމްއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ދޭ ކަމަށެވެ. އެގޭ ތެރެއިން އެކަކު ބޭރު ގައުމަކަށް 100 އަށްވުރެ ގިނަ ކާޑު ގެންގޮސް، ބޭރު ފައިސާ ހޯދުމަށްޓަކައި ވަކި މާޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުން ކޮށްގެން މުއާމަލާތްތައް ހިންގިކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދަތުރު ނުކުރާ ފަރާތްތަކުގެ ކާޑުތައް ބޭނުން ކޮށްގެން ގިނަ އަދަދުތަކަށް ޓިކެޓް އަދި ހޮޓެލް ބުކިންއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރުންވެސް ހިމެނޭކަމުގައި ބޭންކުން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ބުނީ، ތިންވަނަ ފަރާތަކަށް ކާޑު ދިނުމާއި ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެފައިވާ އެއްބަސްވުމާ މުޅިން ހިލާފު އަމަލެއް ކަމަށެވެ. ޕާސަނަލް ކާޑުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެކާޑުގެ ވެރިފަރާތެއްގެ ހަމައެކަނި އަމިއްލަ ބޭނުންތަކަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށްވެސް ބީއެމްއެލްއިން ފާހަގަކުރެ އެވެ.
އެހެންކަމުން މިފަދަ މުއާމަލާތްތަކަކީ، އާންމުކޮށް ފައިސާގެ މުއާމަލާތް ހިންގުމުގެ އުސޫލުތަކާ ހިލާފު މުއާމަލާތްތަކެއް ކަމަށާއި، ކުރިޔަށް އޮތްތާނގައި މިފަދަ މުއާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. އަދި އެގޮތަށް ބޭނުން ކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ލިމިޓް ކަނޑާލުމާއި، އެފަދަ މާޗެންޓުތަކުގައި މުއާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް ބޭންކުން އަޅަން ޖެހިދާނެ ކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ.
ބީއެމްއެލްއިން ބުނީ، ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުން ކުރުމަށް ބޭރު ފައިސާ ވިއްކޭ އަދަދު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރު ކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީއެންމެ ލުއިފަސޭހަ ގޮތްތައް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުން ކުރުމަށް ހިންގާ އަމަލުތައް ހުއްޓިގެން ކަންވެސް ބީއެމްއެލްއިން ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ކާޑުގެ ވެރިފަރާތުގެ އެކައުންޓްގެ ރައްކާތެރިކަމަށާއި، ގަވާއިދުތަކާ އެއްގޮތަށް އަމަލު ކުރެވޭކަން ކަށަވަރު ކުރުމަށާއި، ބޭންކުން ދީފައިވާ މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހި ކުރުމަށް އަމިއްލަ ކާޑު، އެހެން ފަރާތްތަކުން ފައިދާ ނެގުމަށް ނުދިނުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.