މާލޭގެ މޭޔަރު އާދަމް އާޒިމްގެ ކޮއްކޮއަކަށް ވިލިނގިލިން ބިމެއް ދީ، ޕްރޮޖެކްޓެއް ހަވާލުކުރި ކަމަށް ބުނާ މައްސަލައެއް ސިޓީ ކައުންސިލްގެ މޭޒަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށައަޅާފައިވަނީ، ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީ އެވެ. މި މައްސަލަ ހުށައަޅައި މޭޔަރު އާޒިމަށް ނަހުލާ ފޮނުއްވި ސިޓީއެއްގައި ވަނީ، މިމައްސަލަ މިމަހުގެ 10 ވަނަ ދުވަހު އޮންނަ ކައުންސިލްގެ ޖަލްސާއަށް އެޖެންޑާކޮށްދިނުމަށް އެދިފަ އެވެ.
ނަހުލާ ތުހުމަތުކުރާ ގޮތުގައި ވިލިމާލޭގައި ގާއިމްކުރުމަށް ކައުންސިލުން ނިންމާފައިވާ ‘ވިމެންސް މާކެޓް އެންޑް އައުޓްޑޯ ފުޑް ކިއޮސްކް’ ޕްރޮޖެކްޓް ބިޑް ކާމިޔާބުކުރި ފަރާތަށް އެގްރީމެންޓް ހަދާފައި ވަނިކޮށް، ބިޑުގައި ބައިވެރި ނުވާ ފަރާތަކަށް އެ ޕްރޮޖެކްޓް ހިންގަން އެގްރީމަންޓް ހަދައި ބިން ވަނީ ހަވާލުކޮށްފަ އެވެ. އަދި، މާލޭ ސިޓީގެ ބިމުގެ ލިސްޓުގައި މި ޕްރޮޖެކްޓް ހިމެނިފައި ނުވާކަމަށްވެސް ނަހުލާ ވިދާޅުވެފައި ވެއެވެ.
ނަހުލާގެ ސިޓީގައި ވާގޮތުން، ޕްރޮޖެކްޓްގެ ބިޑް ކާމިޔާބުކޮށްފައިވަނީ ބިޒްނެސް ޕްރައިވެޓް ލިމިޑެޓް އިންނެވެ. ފަހުން ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ، ވިނޯވަރ މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓް (މޭޔަރު އާޒިމްގެ ކޮއްކޮ މުހައްމަދު ވިޝާމްގެ ކުންފުނި) އަށެވެ.
މި ފަހުން ބޭއްވި ސިޓީ ކައުންސިލްގެ ޖަލްސާއެއްގައިވެސް ނަހުލާ މި ކަންކަން ފާހަގަކުރައްވާފައިވެ އެވެ. ޖަލްސާ ހޫނުވެ، ނަހުލާ ވަނީ އެގްރިމަންޓްތަކެއްގެ ކަރުދާސްވެސް ވީދާލައިފަ އެވެ. ސިޓީ ކައުންސިލުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ.