ދިވެހިރާއްޖޭގެ “ޒަކާތު ގާނޫނު”އަކީ، ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް ވަރަށް ހަރުދަނާ ގާނޫނެއް ކަމަށާއި، މިއީ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާނެ ފުރިހަމަ ގާނޫނެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، މި މަސައްކަތަށް ގާނޫނީ ހައިސިއްޔަތު ލިބުމަކީ ނިޒާމު ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށެވެ.
2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި “ޒަކާތު ހައުސް” ދެން ހިނގަމުންދާނީ މި ގާނުނޫގެ ދަށުންނެވެ. އެކެއް ޖެނުއަރީން ފެށިގެން ގާނޫނު ތަންފީޒުކުރަން ފަށާނެއެވެ. މިނިސްޓަރު ވިދާޅުވީ، އެންމެ ބޮޑު ކުރިއެރުމަކީ މި ނިޒާމަކީ ވަރަށް ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ވެގެން ދިއުން ކަމަށެވެ. މި ގާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގައި ވަކި އެކައުންޓެއްވެސް ވަނީ ކަނޑައަޅާފައެވެ.
މިނިސްޓަރު ވިދާޅުވީ، ގާނޫނު އެކުލަވާލުމުގައި އިސްލާމީ ފަހުގެ ދިރާސާތަކާއި އަދި ޒަކާތުގެ ކާމިޔާބު ނިޒާމުތައް ތަންފީޒު ކުރަމުންދާ އިސްލާމީ ގައުމުތަކުގެ ނިޒާމުތަކަށްވެސް ބަލާފައިވާނެ ކަމަށެވެ. ޝަހީމް ވިދާޅުވީ، މި ގާނޫނުގައި ޒަކާތާ ގުޅޭ ކަންކަން ވަރަށް ތަފްސީލީ ގޮތެއްގައި ހިމަނާފައިވާ ކަމަށާއި މިއީ ވަރަށް ވަށައިޖެހޭ ފުރިހަމަ ގާނޫނެއް ކަމަށެވެ.
ގާނޫނުގެ ދަށުން ކައުންސިލަކާއި އަދި ޝަރީއާ ކޮމިޓީއެއްވެސް އުފައްދަން ޖެހެއެވެ. ވަޒީރު ވިދާޅުވީ، ގާނޫނުގައި ބަޔާން ކުރާ ބައެއް މުހިންމު އުސޫލުތައް 5 މަސް ދުވަހުގެ ތެރޭގައި އެކުލަވާލާ އާއްމު ކުރާނެ ކަމަށެވެ.
މި ގާނޫނުގައި، ޒަކާތު ފަންޑުން ހޭދަކުރުމާ ގުޅޭ ކަންކަންވެސް ތަފްސީލް ކޮށްފައިވެއެވެ.