ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، ތަސްދީގުކުރައްވައިފިއެވެ.
މި ގާނޫނަށް ގެނައި އިސްލާހުތަކުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނާއި، ނުޙައްގުން މުއްސަނދިވެފައިވާ މީހުންނަށް ހަރުކަށި އަދަބުތައް ވަނީ ކަނޑައަޅުއްވާފައެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވަނީ، އިސްލާހުތައް ގެނެސްފައެވެ. މި ބިލް ފާސްކޮށްފައިވަނީ މި އިސްލާހުތަކާއެކުއެވެ.
އެ އިސްލާޙުތަކުގައިވާ ގޮތުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް ވަނީ ހިމަނުއްވާފައެވެ. އެގޮތުން 350 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކެނެބިސްއާއި، 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިފޯމިން އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި ނަމަ 100 ގްރާމަށްވުރެ އިތުރުނަމަ މަރުގެ އަދަބު ދެވޭނެއެވެ. އަދި އެ މީހަކު ރާއްޖެއަށް އެތެރެވާއިރު، މަސްތުވާތަކެތި އެތެރެ ކުރުމުންވެސް މަރުގެ އަދަބު ދެވޭނެއެވެ.
ބިލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހަކަށް މަރުގެ އަދަބު ދެވޭނީ، ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރުމުންނެވެ. އިއްތިފާގުން މަރުގެ ހުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
ކޮމިޓީން ހުށަހެޅުއްވި އިތުރު އިސްލާހުތަކުގެ ތެރޭގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކޮށްގެން މަރުގެ އަދަބު ނުވަތަ އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވާ މީހަކަށް އަބަދު މައާފުކޮށް ނުވަތަ ލުއިކޮށް ނުދެވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ޕެރޯލްގެ ދަށުން ދޫ ނުކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެެވެ.
ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވި ބިލަކީ، ރާއްޖޭގައި މަސްތުވާތަކެތިން ވިޔަފާރި ކުރުމާއި، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ވިޔަފާރި އިތުރަށް ފުޅާވެ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީއާއި މަސްތުވާތަކެއްޗާއި ގުޅޭ ކުށްތައް އިތުރުވަމުންދާތީ އެކަންކަން ހުއްޓުވުމަށްޓަކައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބިދޭ ބާރުތައް އިތުރުކުރުމަށް ހުށަހެޅުއްވި ބިލެކެވެ.
މި އިސްލާހުގައި ގާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފު ކުރުމާއި، މަސްތުވާތަކެއްޗާއި ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި، ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާއި ގުޅޭ އުސޫލުތައް މުރާޖަޢާ ކުރުމަށް ވަނީ ހިމަނާފައެވެ.
މި އިސްލާހުގައި ގާނޫނުގެ 161ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ދަށުން މަސްތުވާތަކެތީގެ ކުށްތަކުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. މިހާރު މިގޮތަށް ބަދަލު ނެގެނީ, ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އުސޫލެއްގެ ދަށުންނެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށެއްގެ ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތު ނުވިޔަސް، ވަކި ޝަރުތެއް ފުރިހަމަވާނަމަ، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމަށް ކޯޓުން އަމުރު ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބަޔާންކުރައްވާފައެވެ.