އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން އައިސްފައިވާ ނެޓްވޯކެއްގެ ބޮޑުންތަކެއް ހަޔްޔަރުކޮށްފ އެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރިޔަށްގެންދާ އޮޕަރޭޝަން އަލިމަގުގެ ތެރެއިން ރޭގެ ވަގުތެއްގަ އެެވެ. މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފެށީ މި އަހަރު މާޗް މަހުގެ ތެރޭގަ އެވެ.
ފުލުހުން ބުނީ، މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ފުލުހުންނަށް ހޯދިފައިވާކަމަށެވެ. އަދި ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަމަށް ބުނެފައި ވެއެވެ.
މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
“އަލިމަގު” އޮޕަރޭޝަނަކީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި އެންމެ އިސްކޮށް އުޅޭ މީހުންނާއި، އެކަމުގައި ބައިވެރިވާ މީހުން ހޯދައި ހައްޔަރުކުރުމަށް ފެށި އޮޕަރޭޝަނެކެވެ. 500 ފުލުހުން ބައިވެރިވެގެން އެ އޮޕަރޭޝަން ފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން، މިދިޔަ މަހުގެ25 ވަނަ ދުވަހު ފުލުހުން ބުނީ، އޮޕަރޭޝަނުގައި 29 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށާއި ޖުމުލަ 188،959 ރުފިޔާ ފެނުނު ކަމަށެވެ.