ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އައްޔަންކުރައްވައިފި އެވެ.
މަހްލޫފް ސަފީރުކަމަށް އައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަޚްލޫފު އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ގިނަ އަހަރުތަކެއްވަންދެން ސިޔާސީ މަސައްކަތް ކުރައްވާފައިވާ މަހްލޫފް އެމްޑީޕީން ވަކިވެ ވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގަތީ މިމަހުގެ 14 ވަނަ ދުވަހުގެރޭ ބޭއްވި ބޮޑު ޖަލްސާ ގައެވެ.
މަހްލޫފް އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ. އެއަށްފަހު ޕީޕީއެމްއާ ގުޅިވަޑައިގެން، މަޖިލީހުގައި އެޕާޓީ ތަމްސީލްކުރައްވާފައި ވެއެވެ. އެއަށްފަހު 2018 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އެވެ.