ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ، ވަރަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ކަމަށާއި، އެ މަގުސަދަށް މަސައްކަތް ނުކުރާނަމަ ފުލުހުންގެ ހިދުމަތުން ޖާގައެއް ނޯންނާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ މުއައްސަސާއަކީ ވަރަށް ޒަމާންވި މުއައްސަސާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ޒަމާނީ ބަދަލުތައް އަންނަން ފެށިތާވެސް ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވެއްޖެ ކަމަށެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް ވުރެ އަވަހަށް ރާއްޖޭގެ ގާނޫނުތަކަށާއި ރައްޔިތުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަސައްކަތް ކުރާނީ ހުރިހާ އެންމެ ޝާމިލްވުން ހިމެނޭހެން ކަމަށާއި މި ބައްދަލުވުންތަކުގަ މަޝްވަރާކުރާނީ އަސާސީގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަކީ ކޮބައިތޯ ބެލުމަށް ކަމަށެވެ.
ތަހުގީގުތައް އަވަސްވާންޖެހޭނެ. މަގުމަތީގަ ފުލުހުންގެ ޕްރެސެންސް ގިނަވާންޖެހޭނެ. ފުލުހުންގެ އެންގޭޓްމަންޓް މިހާރަށް ވުރެ ގިނަވާން ޖެހޭނެ. ޖަވާބުދާރީވުންތައް މިހާރަށް ވުރެ ރަނގަޅުވާނެ ޖެހޭނެ. މަގުމަތިން މިފެންނަ ކްރައިމްތައް މަދު ކަމުގެ އިހުސާސް ރައްޔިތުންނަށް ވާންޖެހޭނެ. އިދާރީ ބައިތައް މަދުވާން ޖެހޭނެ. މިއީ އަޅުގަނޑުމެންނަށް ފެންނާނެ ކަންކަމަކީ މުސްތަގުބަލުގަ. މިނިސްޓަރ
އަދި ކުރިއަށް އޮތް ދުވަސްތަކުގަ ފުލުހުންގެ މުއައްސަސާއަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަވާނެކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދާ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.