ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މާދަމާ ރޭ 20:30ގައި، ތާޖުއްދީން ސްކޫލްގައި ކަމަށެވެ. އެހެންވެ މާފަންނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށްވަނީ ދައުވަތު އަރުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރަން ބޭނުންވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކެކެވެ.
މިބައްދަލުވުންތަކުގައި ރައްޔިތުން ބޭނުންވާ ކަންކަން ސީދާ ރައީސަށް ހުށައެޅުމުގެ ފުރުސަތު ލިބެއެވެ. އަދި ހުރިހާ އަވަށްތަކުގައި ވަކިވަކިން ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފަވާއިރު، މިހާތަނަށް ވަނީ ވިލިމާލެ އަދި މައްޗަންގޮޅިގެ ރައްޔިތުންނާއެކު ބައްދަލުވުން ކުރިއަށް ގެންދަވާފައެވެ.
މި ބައްދަލުވުންތަކުގައ ރައްޔިތުންވަނީ، ގިނަ ހިޔާލުތަކަކާއޮ ކަންބޮޑުވުންތަކެއް ރައީސަށް ހުށައަޅާފައެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ހާއްސަކޮށް އަދި މާލެ ސަރަހައްދަށް އަމާޒުކޮށް ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަސައްކަތްތަކުގެ ތަފްސީލްތައް މިބައްދަލުކުރެއްވުމުގައި ހިއްސާކުރައްވާފައެވެ.