ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ މައުލޫމާތު އެއްކުރުމަށް “މޯލްޑިވްސް ވިޒިޓަރ ސަރވޭ”ގެ ނަމުގައި ޓޫރިޒަމް މިނިސްޓްރީން ހާއްސަ ސާވޭއެއް ފަށައިފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ރަސްމީކޮށް މި މަސައްކަތް ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މި ސާވޭ ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ލްޑިވްސް ވިޒިޓަރ ސަރވޭއަކީ، ރާއްޖެއިން ފުރައިގެންދާ ފަތުރުވެރިންގެ ފަރާތުން މައުލޫމާތު އެއްކުރުމަށް ހިންގާ “އެގްޒިޓް ސަރވޭ” އެކެވެ.
މި ސަރވޭގެ ތެރެއިން ފަތުރުވެރިންގެ ޑެމޮގްރަފިކްސް (ޖިންސާއި، އުމުރު ފަދަ މައުލޫމާތު)އާއި، ރާއްޖޭގައި ކުރި ތަޖުރިބާތަކާއި، ރާއްޖޭގެ ޓޫރިޒަމްގެ އުފެއްދުންތަކާއި ހިދުމަތްތަކާއި ބެހޭގޮތުން ފަތުރުވެރިން ދެކޭ ގޮތާއި ގުޅޭ މުހިންމު މައުލޫމާތުތައް އެއްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ މައުލޫމާތުތަކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް ކުރިއެރުވުމަށްޓަކައި ދެނެގަނެވޭ މައުލޫމާތުތަކަށް ބިނާކޮށް ނިންމުންތައް ނިންމުމަށް އެހީތެރިވެދޭ މުހިންމު ބާރުތަކެއް ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ، އެންމެ ކުރީގައި އޮންނަ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ވާދަވެރިކަން ވަރުގަދަ ކުރުމުގައިވެސް މި ސަރވޭގެ ނަތީޖާތަކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށްވެސް ބުންޏެވެ.
ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ، 2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން ނޮވެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ، 2،014،358 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 އިތުރު އަދަދެކެވެ.