ލޭބާ ސެންޓާ އޮފް ދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގަ (އޯއައިސީ) ގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯދުމަށް ހުށައަޅާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
އޯއައިސީގެ ލޭބާ ސެންޓަރުގައި ބައިވެރިވުމަށާއި އެ ސެންޓަރުގެ ސްޓެޓިއުޓްގައި ރާއްޖެއިން ސޮއިކޮށް، ތަސްދީގު ކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް މައްސަލައެއް ހުށައަޅުއްވާފައެވެ.
އޯއައިސީގެ ލޭބާ ސެންޓަރުގައި ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި ވަނީ، 10 ނޮވެންބަރު 2025ގައި ބޭއްވި ވަޒީރުންގެ މަޖިހިލީހުގެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ލޭބާ ސެންޓަރުގައި ބައިވެރިވުމަށް ނިންމަވާފައިވާ ކަމަށެވެ. ލޭބާ ސެންޓަރަކީ، ގާނޫނީ ގޮތުން ވަކި ޝަހުސެއްކަމަށްވާތީ، އެ ސެންޓަރުގައި ބައިވެރިވެވޭނީ އެތަނުގެ ގަވަނިން ޑޮކިއުމެންޓުގައި ސޮއިކޮށް ތަސްދީގު ކޮށްގެން ކަމަށްވާތީ، ގާނޫނުގައިވާ ގޮތުގެ މަތިން އެ މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފަ އެވެ.
މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ، ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ.
އޯއައިސީގެ ލޭބާ ސެންޓަރަކީ، އޯއައިސީގެ މެންބަރު ގައުމުތަކުގެ މެދުގައި އިޖުތިމާއީ އެކި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ގާނޫނީ ގޮތުން ވަކި ޝަހުސެއްގެ ގޮތުގައި އުފައްދާފައިވާ އޯއައިސީގެ ސްޕެޝަލައިޒްޑް އިންސްޓިޓިއުޝަނެކެވެ. މި އިދާރާ އުފެދުނީ، 2023 ވަނަ އަހަރުއެވެ.
އޯއައިސީގެ ލޭބާ ސެންޓަރުގެ މަގުސަދުތަކުގެ ތެރޭގައި އެ ސެންޓަރުގެ މެންބަރު ގައުމުތަކުގެ މެދުގައި އެކަށީގެންވާ މަސައްކަތު މާހައުލެއް ގާއިމުކުރުމާއި، ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ. މިއީ، ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް ފަގީރުކަން ނައްތާލުމަށް ކުރާ މުހިންމު މަސައްކަތެކެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގައި 57 މެންބަރު ޤައުމު އޮވެއެވެ. ރާއްޖެއަކީ، 1976 ވަނަ އަހަރުން ފެށިގެން އޯއައިސީގެ މެންބަރު ގައުމެކެވެ.