ސްރީލަންކާއަށް ދިމާވެފައިވާ ކާރިސީ ހާލަތުގައި އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ދިވެހި މީޑިއާތަކުން ފެށި ހާއްސަ ޓެލެތޯނަށް 12 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
37 މީޑިއާއެއް ގުޅިގެން ބޭއްވި ސިލޯނާއެކު ޓެލެތޯން ފެށީ ނޮވެންބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ. ޓެލެތޯން ނިންމާލީ އިއްޔެ މެންދުރުފަހު 14:00ގަ އެވެ. މި ޓެލެތޯނަށް ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކުން ވަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ތެލެތޯން ނިންމާލިއިރު، 11.55 މިލިއަން ރުފިޔާއާއި، 51،000 ޑޮލަރު ލިބިފައި ވެއެވެ. މިއާއެކު ޖުމްލަ 12،341،466.62 ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލަންކާ ރުޕީސްއިން ބަލާނަމަ 231 މިލިއަން ރުޕީސް އެވެ.
މި ޓެލެތޯންގައި އެންމެ ބޮޑު ފައިސާގެ އެހީއެއް ލިބިފައިވަނީ ދިވެހި ފުލުހުންގެ ފަރާތުންނެވެ. އެގޮތުން ފުލުހުން 2.4 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ. ސިފައިންގެ ފަރާތުންވެސް އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައި ވެއެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ގައުމެކެވެ. އަދި އެގައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖޭން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ގައުމަކީވެސް އަވަށްޓެރި އެކުވެރި ސްރީލަންކާއެވެ.